މިއަދު ދިވެހިރާއްޖޭގައި ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހުުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. ފަހަރެއްގައިވެސް އަޅުގަނޑަކީ ސިއްޙީ މާހިރެއް ނޫނީނެމެވެ. ނަމަވެސް އަޅުގަނޑުގެ ފަރުދީ ޒިންމާއެއްގެ ގަތޮތުން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އަސާސީ މައުލޫމާތުކޮޅެއް ހިއްސާކޮށްލުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދެކެމެވެ.
ކެންސަރަކީ
ކޮބާ؟
ކެންސަރަކީ
ހަށިގަނޑުގައިވާ ބްލަޑް ސެލްތައް ހަލާކުވެ ހަށިގަނޑުތެރޭގައި ކޮންޓްރޯލެއް ނެތި
ފަސޭހަކަމާއެކު ފެތުރިގެންދާ ބައްޔެކެވެ. ބަލި ޖެހިފައިވާ ސެލްތައް ލޭގެ ތެރޭގައި
ދައުރުވެ ރަގަޅަށް ހުރި ޓިޝޫތައް ހަލާކުކޮށްލައެވެ. އަދި ހަށިގަނޑުގައި ޓިއުމަރ
އުފެދި ފުރާނައަށް ނުރައްކާވާ ކުރުވައެވެ. ކެންސަރުގެ ގައިގަޑަކަށް 200
ވައްތަރުވެއެވެ. މީގެ ތެރޭގައި ބްލަޑް ކެންސަރު، ލަންގް ކެންސަރު، ގޮހޮރުގެ
ކެންސަރު، ބްރެސްޓް ކެންސަރު، ކިޑްނީގެ ކެންސަރު، ހަމުގެ ކެންސަރު ހިމެނެއެވެ.
ކެންސަރަކީ ހަށިގަނޑުގެ ކޮންމެ ތާކަށްވެސް ޖެހިދާނެ ބައްޔެކެވެ. އަދި ކެންސަރު
ބަލީގައި ތަފާތު ސްޓޭޖްތަކެއްވެސް ހުރެއެވެ.
ދުނިޔޭގެ
ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 2008
ވަނަ އަހަރު ކެންސަރުބަލީގައި މަރުވި މީހުންގެ އަދަދު 7.6 މިލިއަންއަރައެވެ. އަދި
މިއަދަދު 2030 ގައި ދެގުނައަށް އިތުރުވެ 13.3 މިލިއަން އަރާނެކަމަށް ޑަބްލިއު.އެޗް.އޯގެ
ދިރާސާއިން ދައްކައެވެ. ކެންސަރުބަލިޖެހޭ އަދި ކެންސަރުބަލީގައި މަރުވާ މީހުންނަށް
ބަލާއިރު ބޮޑު ހިއްސާއެއް އަދާކުރަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ
މީހުންނެވެ. ކެންސަރު ބަލީގައި
2008 ވަނަ
އަހަރު އެންމެ ގިނައިން މީހުން މަރުވެފައި ވަނީ ޗައިނާ އާއި އިންޑިއާ އަދި އެމެރިކާ ފަދަ އާބާދީ
ބޮޑެތި ގައުމުތަކުންނެވެ.
ކެންސަރު
ޖެހެން މެދުވެރިވަނީ ކޮން ސަބަބަކާހެދި؟
ކެންސަރުޖެހުމަށް
މެދުވެރިވާ ސަބަބުތައްވެސް ގިނައެވެ. އެކިބާވަތުގެ ކެންސަރަށް އެކި ސަބަބެވެ.
މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ އަސްލެވެ.
ދުންފަތް ލައިގެން ދުފުމުން އަނގައިގެ ކެންސަރަށް މަގުފަހިވެއެވެ. ބަލިތަކަށް
ބޭނުންކުރާ ބައެއް ބޭހުގެ ސަބަބުން ކެންސަރުޖެހުމަށް މަގުފަހިވެއެވެ. އެކްސްރޭ
ނެގުން ފަދަ ކަންކަމުގައި ގިނައިން ރޭޑިއޭޝަނަށް ހަށިގަނޑު ހުށަހެޅިގެން ދިއުމަކީވެސް
އެއްސަބަބެވެ. އާދަޔާ ޚިލާފަށް ފަލަވުމާއި ބެކްޓީރިއަލް އިންފެކްޝަނަކީވެސް
ކެންސަރަށް މަގުފަހިވާ ކަމެކެވެ. ކެއުމުގެ އާދަތައް ހުންނަ ގޮތާއި ވަކިބާވަތެއްގެ
ކާނާ މާގިނައިން ބޭނުންކުރުމާއި ހަށިގަނޑަށް ބޭނުންވާ ބައެއްމާއްދާތައް ކެއުމުގެ
ތެރޭގައި ނުހިމެނުމަކީ ކެންސަރަށް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން ކެންސަރަކީ
އާއިލީ ގޮތުން ވާރުތަކުރާގޮތް ހުންނަ ބައްޔެކެވެ. އަދި ގިނަ ބާވަތުގެ ކެންސަރުޖެހެނީ އުމުރުގެ
ފަހުކޮޅުގެ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ދަޅުގައި
ބަންދުކޮށްފައިވާ ނުވަތަ ޕްރޮސެސްކޮށްފައިވާ މަހާ އެހެނިހެން ބައިވަތްތައް ބޭނުން
ކުރުމުން ކެންސަރަށް މަގުފަހިވާ ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައެވެ.
މީގެ އިތުރުން ތިމާ ދިރިއުޅޭ މާހައުލެއްގެ ސަބަބުން ކެންސަރުޖެހުމަށް މަގުފަހިއެވެ.
މިގޮތުން އިރުގެ ހޫނު މާގަދަ ތަނެއްގައި
ގިނައިރު އަވީގައި އުޅޭކަމުގައިވާނަމަ މިއީ ހަމުގެ ކެންސަރަށް މަގުފަހިވާނެ
ކަމެކެވެ. ހަމަ އެހެންމެ ތިމާ ދުންފަތުގެ އިސްތިއުމާލު ނުކުރިނަމަވެސް ދުންފަތުގެ
އިސްތިއުމާލުކުރާ މާހައުލެއްގައި ދިރިއުޅުމަކީ ކެންސަރަށް ހުޅުވިފައިވާ ދޮރެކެވެ.
ކެންސަރަށް
ފަރުވާއެއްވޭތޯ؟
ކެންސަރުގެ
ގިނަ ވައްތަރަކީ ބަލީގެ ކުރިކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން
ރަގަޅުކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ކެންސަރަކީ އެއްފަހަރުންދެވޭ ފަރުވާއަކުން
ފަސޭހަކުރެވޭ ޒާތުގެ ބައްޔެއްނޫނެވެ. އާންމު ގޮތެއްގައި ކެންސަރަށް ކުރެވޭ
ފަރުވާއަކީ ގިނަފަރުވާ ތަކެއް އެއްކޮށް ދީގެން ކުރެވޭ ފަރުވާއެކެވެ.
ކެންސަރުބައްޔަށް ފަރުވާ ކުރުމުގައި ކެންސަރުގެ ބާވަތަށާއި ކެންސަރުގެ ސްޓޭޖަށް
ބެލެއެވެ. މިގޮތުން ކީމޯ ތެރަޕީއަކީ ކެންސަރަށް ދެވޭ ފަރުވާއެކެވެ. ނަމަވެސް
ބައެއްބާވަތުގެ ކެންސަރަށް ފަރުވާއެއް ހޯދިފައިނުވެއެވެ.
ކެންސަރު
ޖެހުމުން ބަލިޖެހިފައިވާ ސެލްތައް ރަގަޅަށް ހުރި ސެލްތަކުގެ މައްޗަށްވެރިވެ
ގަންނަން މަސައްކައްކުރަމުންދެއެވެ. އެހެންކަމުން މިމަސައްކަތް ބަލިޖެހިފައިވާ
ސެލްތަކަށް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ތިމާގެ ހިއްވަރު ގަދަކޮށް،
އީމާންތެރިކަންވެސް އިތުރުކުރަންޖެހެއެވެ. ކެންސަރުބަލީގައި ދާދި މިދާކަށް ދުވަހު
ދުނިޔެ ދޫކޮށްދިޔަ ފާތިން ހަމީދު ވިދާޅުވެފައިވާ ގޮތުގައި ކެންސަރަށް އޮތް އެންމެ
ބޮޑު ފަރުވާއަކީ ތިމާގެ ތަގުވާވެރިކަން އިތުރުކޮށް އަޅުކަމުގައި ގިނަ ވަގުތު
ހޭދަކުރުމެވެ. އެކަމަނާއަށް އެންމެ ބޮޑު ލުއިކަމެއް ލިއްބައިދިނީ ނަމާދުން ކަމަށްވެއެވެ.
ކޮންމެ ބައްޔަކަށް ވެސް ޝިފާދެއްވަނީ ގަދަކީރިތިވަންތަ މާތް ﷲ ކަން ހިތުގެ އަޑިން
ގަބޫލުކޮށް ނަމާދުތައް ފުރިހަމައަށް އަދާކޮށް އެކަލާންގެ ހަޟުރަތުގައި ބަލިން
ސަލާމަތްކޮށް ދެއްވުންއެދި ދުޢާ ދެންނެވުން މުޙިންމެވެ.
ކެންސަރުން
ރައްކާތެރިވުމަށް އެޅޭނީ ކޮން ފިޔަވަޅެއް؟
ބައެއް
ބާވަތުގެ ކެންސަރަކީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮަތްތަކަކުން މެދުވެރިވާ
ބައްޔަކަށް ވީހިނދު، އެފަދަ ކަންކަން ދެނެގަނެ ދުރުހެލިވާންޖެހެއެވެ. މިގޮތުން
ސިގިރެޓަކީ އަޅުނގަޑުމެންގެ ތެރެއިން ގިނަބަޔަކު އޭގެ އަވައިގަ ޖެހިފައިވާ،
ނަމަވެސް އެއިން ދުރުހެލިވުން ކޮންމެހެން މުހިންމުއެއްޗެކެެވެ. ހަމައެހެންމެ
ރަގަޅު ކާނާ ކެއުމަށް ސަމާލުކަން ދޭންޖެހެއެވެ. މިގޮތުން ތަރުކާރީއާއި މޭވާގެ
ބާވަތްތައް ކެއުމުގެ ތެރޭގައި ހިމަނަންޖެހެއެވެ. ފެޓް ހިމެނޭ ބައިވަތްތައް ކެއުން
ކޮންޓްރޯލްކޮށް، ހަށިގަނޑުގެ ބަރުދަން އަކަށީގެންވާ މިންވަރެއްގައި ބަހައްޓަން
މަސައްކަތްކުރަން ޖެހެއެވެ. އަދި ކަސްރަތުކޮށް ދުޅަހެޔޮ ހަށިގަނޑެއް ގައި
ސާބިތުވެހުރެވޭތޯ މަސައްކަތްކުރުން މުހިންމެވެ. ކެންސަރު ޖެހިއްޖެކަން އިނގޭ ހިނދު
ލަސްނުކޮށް އަވަހަށް ބަލީގެ ކުރީކޮޅު ފަރުވާކުރުމަށް ޚާއްސަ ސަމާލުކަން
ދޭންޖެހެއެވެ.
No comments:
Post a Comment