Sunday, March 30, 2014

އިގްތިސާދީ ކޮމިޝަނެއްގެ މުހިންމުކަން.

ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް 2025 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ސިޔާސަތުތައް ދާދި ފަހުންވަނީ ހާމަކޮށްފައެވެ. "މޯލްޑިވްސް އިކޮނޮމިކް ޑައިވާސިފިކޭޝަން ސްޓްރެޓެޖީ"ގެ ނަމުގައި ތައާރަފުކުރި ރިޕޯޓަކީ، ރާއްޖޭގެ އިގުތުސާދު މިހާރަށް ވުރެ ހަރުދަނާކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އެކުލަވާލައިފައިވާ ތަސައްވުރެކެވެ. މިތަސައްވުރުގައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް މައިގަނޑު 10 ދާއިރާއަކުން ކުރެވިދާނެ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީ ލިބޭ ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވެފައިވާ ގައުމެއްގެ ހައިސިއްޔަތުން ގައުމުގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަށްދާންވީ ސާފުސީދާ ތަސައްވުރެއް އެކުލަވައިލވެފައި އޮތުމަކީ ނިހާޔަތަށް ބޭނުންތެރިކަމެކެވެ. ގައުމުގެ ނައު ދަތުރު ކުރާނެ މަންޒިލެއް ކަނޑައެޅިފައި އޮތުން ވަރަށް މުހިންމެވެ. މަންޒިލަށް ވާސިލް ވުމަށްޓަކައި ހުންގާނު އެއްމިސްރާބަކަށް ބަހައްޓަން އެނގޭނީ އޭރުންނެވެ. ރާއްޖޭގެ އިގުތިސާދީ ތަސައްވުރުގެ މައިގަނޑު އަމާޒަކީ 2025 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ މުއްސަނދި ގައުމަކަށް ވުމެވެ.
ރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީގެ ދަށުން ކޮންމެ 5 އަހަރަކުން އިންތިޚާބެއް ބާއްވަމުން ދާންޖެހެއެވެ.  މިއިން ކޮންމެ ފަސްއަހަރަކުން ސަރުކާރު ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައެޮތެވެ. ކޮންމެ ސަރުކާރެއްވެސް އަންނަނީ ވައުދު ތަކަކާއި އެބައިމީހުންގެ އަމިއްލަ މެނިފެސްޓޯއަކާއެކުގައެވެ. ނަމަވެސް ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކީ ރާއްޖޭގައި އެކުލަވާލައިވާ އިގްތިސާދީ މާސްޓަރ ޕްލޭންތަން ހުއްޓާލުމަށްފަހު އައު ޕްލޭންތަކެއް ހަދަންވީ ވަގުތެއްނޫނެވެ. މާސްޓަރ ޕްލޭންތަކަކީ އެހާ ކުރު މުއްދަތަކުން އިމްޕްލިމެންޓް ކުރެވޭނެ އެއްޗެއްނޫނެވެ. ނަތީޖާއަކަށް ވެގެންދާނީ ހެދޭ މާސްޓަރ ޕްލޭންތަކަކި ކޮންމެ ފަސްއަހަރަކުން ކުރެވޭ  ހަމައެކަނި ކަރުދާހު މަސައްކަތްތަކަކަށް ވުމެވެ. އެއަށް އަމަލީ ސިފަ އަންނަ ދުވަހެއް ނުފެނުމެވެ.

ސިޔާސީ މަސްރަހު މިއަދު އޮތްގޮތުން ސަރުކާރުން ކިތަންމެ ރަނގަޅު ޕްލޭންއެއް އެކުލަވާލި ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެއީ ބަލައިގެނޭފަަދަ އެއްޗަކަށްނުވެއެވެ. ސަރުކާރެއް ބަދަލުވާއިރު ހިނގަހިނގާ ހުންނަ ރައްޔިތުންނަށް ފައިދާއާއި ލާބަލިއްބައިދޭ ޕްރޮޖޮކްޓްތައް ހުއްޓާލައެވެ. އެއީ އެކަން ފުރިހަމަ ކުރުމުން ކުރީގެ ފަރާތްތަކަށް އޭގެ ކުރެޑިޓް ލިބިދާނެތީއެވެ. ތިމާމެންގެ އަމިއްލަ މެނިފެސްޓޯގައި ހިމެނޭ ޕްރޮޖެކްޓްތައް އަވަހަށް ފަށައިގަތުމަށްޓަކައިވެސްމެއެވެ. ނަމަވެސް ގައުމުދެކެ ލޯބިވާ ބައެއްނަމަ ޒާތީ ތައްސުބުން އެއްކިބާވެ ގައުމަށްފައިދާހުރި މަސައްކަތްތައްކުރުމުގައި ކުރިއަށް ދާންޖެހެއެވެ. އެމަސައްކަތްފެށީ ނުވަތަ ޚިޔާލުދިނީ ކޮންބައެއްތޯ ބަލާކަން މުހިންމެއްނޫނެވެ. ބޭނުންވަނީ ގައުމަށް ތަރައްޤީއާޢި ތަހުޒީބެވެ.
އެެންކަމުން، އިގްތިސާދު ކުރިއަރުވާ ތަރައްގީ ކުރުމަށްޓަކައި ވަކިން ޚާއްސަ މިނިވަން ކޮމިޝަނެއްގެ ދައުރު ބޮޑުކަމަށް އަޅުގަނޑު ދެކެމެވެ. ސަބަބަކީ މިއީ ދުރާލާ ރާއިވެގެން އެތަށް ދިރާސާއެއްކޮށް އެތަށް ވަގުތަކާއި ހަރަދެއްވެސް ކުރައްޖެހޭ ކަމަކަށްވާތީއެވެ. އަވަސް އަވަހަށް ބަދަލުކުރަންޖެހޭ އެއްޗަކަށްވެއްޖެނަމަ އޭގެ އެދެވޭ އަސަރެއް ނުފެންނާނެއެވެ. މާސްޓަރ ޕްލޭން ކަނޑައަޅާނީ އެފަދަ ކޮމިޝަނަކުންނެވެ. ދެންއަންނަ ސަރުކާރެއްގެ ޕްލޭންތަކާއި ޕްރޮޖެކްތައް މާސްޓަރ ޕްލޭންއަށް މާބޮޑު ބަދަލެއް ނާންނަ ފަދައަކުން އެޖަސްޓްކުރަމުން ގެންދެވިދާނެއެވެ. އޭރުން ސަރުކާެރު ބަދަލުވާ ކޮންމެ ދަނޑިވަޅެއްގައި އިކޮނޮމިކް އައު މާސްޓަރ ޕްލޭންއެއް އެކުލަވާލާކަން ނުޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން މަޑުޖެހުމެއްނެތި ގައުމުގެ އިގްތިސާދު ހިނގަމުންދާ ބާރު ދުވެލީގައި ކުރިއަށްދިއުމަށް މަގުފަހިވެގެން ދާނެއެވެ.

ކޯލިޝަން ސަރުކާރެއް ހިންގުން؛ ވާވަރުކަމެއްބާ؟

'ކޯލިޝަން' މިލަފްޒަކީ މިފަހުގެ ސިޔާސީ ދާއިރާގައި އެންމެ އާންމު އެއްލަފްޒެެވެ. ފުރަތަމަ ކޯލިޝަންއެއްގެ ވާހަކަ އާންމުވެގެން ދިޔައީ 2008 ގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ސަރުކާރުގައި ތިބި ފަރާތް ކަމުގައިވާ ޑީއާރުޕީއާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައި ހެދި ކޯލިޝަންއާއި ހިސާބުންނެވެ. އޭރު ކޯލިޝަންހެދީ އިދިކޮޅު މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި ސަރުކާރާއި ދެކޮޅު އެހެން ޕާޓީތައް ކަމުގައިވާ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެސްއެލްޕީއެވެ. މީގެއިތުރުން އަމިއްލަ ގޮތުން އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުވެސް ގުޅިވަޑައިގެންނެވިއެވެ. 2008ގެ ރިޔާސީ އިންތިޚާބުގައި 30 އަހަރު ރައީސްކަމުގައި ހުންނެވި އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް ބަލިކުރައްވާ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެވެ. ރާއްޖޭގައި ކޯލިޝަން ނުވަތަ އިއްތިހާދު ފެށިގެންއައީ ގޮތަކީ މިއީއެވެ.
ކޯލިޝަންއަކާ ދިމާއަށް ދަނީ ކީއްވެ؟
ހަގީގަތުގައި ކޯލިޝަންއަކީ އެއްވެސް ޕާޓީއަކުން މާކުރާހިތުން ކުރާކަމެއްނޫނެވެ. ނަމަވެސް ހާލަތާއި ވަގުތާއި ގުޅޭގޮތުން 'މަޖުރުބޫރު' ވެގެން ކުރާ ކަމެކެވެ. ކޯލިޝަންއަކާއި ނުލައި ކުރިއަށް ދެވޭނެ ގޮތެއް ނެތިގެން ކުރާ ކަމެކެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކަށް ސާފު އަޤްލަބިއްޔަތެއް ނުލިބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބޮޑު ކޯލިޝަންއަކާ ދިމާއަށް ދާންޖެހުމެވެ. ކޯލިޝަންއަކާ ނުލައި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް އެމްޑީޕީއިން ވަރަށް ޖޯޝާއެކު މަސައްކަތް ކުރިނަމަވެސް  އެކަން ވެގެންދިޔައީ ނާކާމިޔާބުއެވެ. ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމް އާއި ޖުމްހޫރީޕާޓީ އަދި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ.  

ކޯލިޝަންގެ ނަތީޖާ
މިފަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބުދުﷲ ޔާމިންއަށް ކާމިޔާބު ކުރެއްވުމުގެ ފަހަތުގައި ވަނީވެސް ކޯލިޝަންގެ ބާރުގަދަ ކަމެވެ. ފުރަތަމަ ބުރުގައި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ފަހަތަށް ޖައްސާލުމަށްފަހު ޔާމިންއަށް ދެވަނަ ލިބިވަޑައިގަތީ ކުޑަތަފާތަކުންނެވެ. އެއީ އެމްޑީއާއިއެކު ކޯލިޝަން ހަދައިގެންނެވެ. ހަމައެހެންމެ ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދު ބަލިކުރެއްވީ ކޯލިޝަން ފުޅާކުރައްވައިގެންނެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2014 ގައި ޕީޕީއެމް، އެމްޑީ އަދި ޖުމްހޫރީ ކޯލިޝަންއެކީ ކުރިމަތި ލައިގެން ވަރަށް ބޮޑު ކާމިޔާބެއްވަނީ ހޯދާފައެވެ. ޕާޓީތަކުން ވަކިވަކިން މަޖިލިސް އިންތިޚާބަށް ކުރިމަތިލެއްވި ނަމަ ގިނަ ގޮޑިތައް އެމްޑީޕީއިން ގެންދިއުން އޮންނާނީ ވަރަށް ގާތުގައެވެ. މިކަންކަމުން އެނގިދޭހަވާ ކަމަކީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކޯލިޝަންގެ މުހިންމު ކަމެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކޯލިޝަންގެ މުހިންމުކަން ކިތަންމެ ބޮޑުނަމަވެސް، މާޒީއިން ލިބިދޭ ފިލާވަޅަކީ ކޯލިޝަން ރޫޅިދާކަމެވެ. ބައެއްފަހަރު ވަރަށް އަވަހަށެވެ. އަނެއްބައި ފަހަރު ލަހުންނެވެ. 2008 ގައި އެމްޑީޕީއިން ހެދި ކޯލިޝަން ރޫޅުނީ ވެރިކަމަށް އައިތާ އެންމެ 21 ދުވަހުގެ ތެރޭގައެވެ. ރައީސް މުހައްމަދު ވަހީދު ވެރިކަމުގައި ގުޅިފައިވާ ކޯލިޝަންއަކުން ވެރިކަން ކުރިނަމަވެސް އެސަރުކާރުގެ ތެރޭގައި މައްސަލަ ބޮޑުވެ ދައުރުގެ ފަހުކޮޅުވަނީ ގާތްގަނޑަކަށް ރޫޅިފައެވެ.

މިކޯލިޝަނަށް ވާނީ ކިހިނެތް؟
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާކު ކޯލިޝަން ހަދައިފައިވާ އެމްޑީއޭއާއި ޖުމްހޫރީ ގުޅުމުގެެ ކޯލިޝަންއަށް ވާނެގޮތް ބަލަން އެތަށްބަޔަކު ތިބީ ކެތްމަދުވެފައެވެ. ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރަށް 4މަސް ފުރިގެން ދިޔައިރު އަދި ހިންގަމުން ދަނީ ކޯލިޝަން ސަރުކާރެކެވެ. ނަމަވެސް މިދުވަސް ކޮޅަކީ ވަރަށް ނާޒުކު ދުވަސްކޮޅެކެވެ. 2014 ގައި ހުވާކުރާ އައު ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ކޯލިޝަންގެ ދެ ޕާޓީ ކަމަށްވާ ޕީއެމްއާއި ޖުމްހޫރީ ޕާޓީން ވާދަކަ ކުރަން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި މިދެޕާޓީން އެކައްޗެއްކިޔާ އެބަޔަކު އަނެއްބަޔަކަށް ދޫދީގެން މަސައްކަތް ކުރިނަމަވެސް މިއަދު ދެ އިންތިޚާބު ނިމުމުން މިއެކުވެރިކަން ނިމުމަކަށް އައިސް ބައިބައިވަނީތޯ ހިތުގައި އުފެދޭ ބޮޑު ސުވާލެކެވެ. އެހެންވެއްޖެ ނަމަ ކޯލިޝަން ރޫޅުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް އިތުރު ވެގެން ދިޔައީއެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިން މިގޮތަށް މިކަން ވާތަން ބަލަން ހިމޭނުން ތިބޭނެ ކަމަކަށް އަޅުގަނޑުގެ ޒަމީރެއް ގަބޫލެއް ނުކުރެއެވެ. ޕީޕީއެމް ނޫނީ މިފަހަރު ކޯލިޝަންގެ އެހެންބައިވެރިންނަކީ ކޯލިޝަންގެ ތަޖުރިބާ ކާރުންނެވެ. އެހެންކަމުން މާޒީން ލިބިދިން އިބްރަތުގެ ބޭނުންހިފައި ކޯލިޝަން ހަރުދަނާކޮށް ދެމެހެެއްޓުމަށް މަސައްކަތްކުރާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ.
ނިންމުން
މިއަދު ސިޔާސީ މަޝްރަހު އޮތްގޮތުން އެވެސް ޕާޓީއަކަށް އެކަނިމާއެކަނި މަސައްކަތްކޮށްގެން މާބޮޑު ކާމިޔާބީއެއް ހޯދޭކަންނެތެވެ. ހިތާދެކޮޅަށް ނަމަވެސް ކޯލިޝަންއަކާ ދިމާއަށް މިސްރާބު ޖެހެނީ މިސަބަބައްޓަކައެވެ. ކޯލިޝަންއަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ކޮންމެހެން ބޭނުންތެރިކަމަކަށް ވިޔަސް، އުފެދޭ ޚިޔާލު ތަފާތުވުންތަކާއެކު ކޯލިޝަންއާއެކު ކުރިއަށް ދިއުމަށް ދަތިތަކެއް ކުރިމަތިކުރުވައެވެ. ނުވަތަ ބައެއްފަހަރު ކޯލިޝަންގެ މުހިންމުކަން ކެނޑިދެއެވެ. ޚާއްސަކޮށް މަޖްލިސްގައި މައިޕާޓީއަށް އަޤްލަބިއްޔަތު ލިބިއްޖެނަމަ އިތުރަށް ކޯލިޝަން ދެމެހެއްޓުމަކީ ވެރިކަންކުރާ ޕާޓިއަށް ކޮންމެހެން ކުރަން މުހިންމުކަމަކަށް ނުވެދެއެވެ. އެހެންކަމުން ކޯލިޝަންގައި ބައިވެރިވާ އެހެން ޕާޓީތަކަށް މިޖެހެނީ ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ނެތިދާ ފަދަ ހާލަތެކެވެ. ޔަގީނުންވެސްފާހަގަ ކުރެވޭ ކަމަކީ 2008 ގެ ކޯލިޝަންއަށް ވުރެ މިފަހަރަގެ ކޯލިޝަން ހާސްބައި ރަނގަޅުކަމެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދު އަމަލުކުރެއްވި ފަދައިން ހުރިހާ ބާރެއްގައި ބަނގުޑި ބައްދަން މަސައްކަތްކޮށް، ނިންމުންތައް އަމިއްލަ ޕާޓީގެ މަސްލަހަތަށްޓަކައި ނިންމަން ފަށައިފި ނަމަ ކޯލިޝަންގެ ބަދަހި ތަނބުތަކުގައި ރެދުލައި ބައިބައި ވުމަށް މާގިނަ ދުވަހެއް ނަގާނެ ކަމަކަށް ނުބެލެވެއެވެ. ޔަގީންނުންވެސް މިއީ ކޯލިޝަންއަށް އިތުބާރުކޮށް ވޯޓްދެއްވި އެތައް ރައްޔިތުންނެއްގެ އުންމީދުތައް ވެއްޔާއި މޮޑެލުން ކަމުގައި ނޫނީ ނުވާނެއެވެ.