'ކޯލިޝަން' މިލަފްޒަކީ މިފަހުގެ
ސިޔާސީ ދާއިރާގައި އެންމެ އާންމު އެއްލަފްޒެެވެ. ފުރަތަމަ ކޯލިޝަންއެއްގެ ވާހަކަ
އާންމުވެގެން ދިޔައީ 2008 ގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ސަރުކާރުގައި ތިބި
ފަރާތް ކަމުގައިވާ ޑީއާރުޕީއާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް
އަރައި ހެދި ކޯލިޝަންއާއި ހިސާބުންނެވެ. އޭރު ކޯލިޝަންހެދީ އިދިކޮޅު މައިޕާޓީ
ކަމުގައިވާ އެމްޑީޕީއާއި ސަރުކާރާއި ދެކޮޅު އެހެން ޕާޓީތައް ކަމުގައިވާ ޖުމްހޫރީ
ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެސްއެލްޕީއެވެ. މީގެއިތުރުން އަމިއްލަ ގޮތުން
އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުވެސް ގުޅިވަޑައިގެންނެވިއެވެ. 2008ގެ
ރިޔާސީ އިންތިޚާބުގައި 30 އަހަރު ރައީސްކަމުގައި ހުންނެވި އަލްއުސްތާޒު މައުމޫން
އަބުދުލް ގައްޔޫމް ބަލިކުރައްވާ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ
ކެންޑިޑޭޓް މުހައްމަދު ނަޝީދު އެވެ. ރާއްޖޭގައި ކޯލިޝަން ނުވަތަ އިއްތިހާދު ފެށިގެންއައީ
ގޮތަކީ މިއީއެވެ.
ކޯލިޝަންއަކާ
ދިމާއަށް ދަނީ ކީއްވެ؟
ހަގީގަތުގައި
ކޯލިޝަންއަކީ އެއްވެސް ޕާޓީއަކުން މާކުރާހިތުން ކުރާކަމެއްނޫނެވެ. ނަމަވެސް
ހާލަތާއި ވަގުތާއި ގުޅޭގޮތުން 'މަޖުރުބޫރު' ވެގެން ކުރާ ކަމެކެވެ. ކޯލިޝަންއަކާއި
ނުލައި ކުރިއަށް ދެވޭނެ ގޮތެއް ނެތިގެން ކުރާ ކަމެކެވެ. އެންމެ ފަހުގެ ރިޔާސީ
އިންތިޚާބަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކަށް
ސާފު އަޤްލަބިއްޔަތެއް ނުލިބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބޮޑު ކޯލިޝަންއަކާ
ދިމާއަށް ދާންޖެހުމެވެ. ކޯލިޝަންއަކާ ނުލައި އިންތިޚާބު އެއްބުރުން ކާމިޔާބު
ކުރުމަށް އެމްޑީޕީއިން ވަރަށް ޖޯޝާއެކު މަސައްކަތް ކުރިނަމަވެސް އެކަން ވެގެންދިޔައީ ނާކާމިޔާބުއެވެ. ދެވަނަ
ބުރުގައި އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމް އާއި ޖުމްހޫރީޕާޓީ އަދި އަދާލަތު
ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ.
ކޯލިޝަންގެ
ނަތީޖާ
މިފަހަރުގެ
ރިޔާސީ އިންތިޚާބު ރައީސް އަބުދުﷲ ޔާމިންއަށް ކާމިޔާބު ކުރެއްވުމުގެ ފަހަތުގައި
ވަނީވެސް ކޯލިޝަންގެ ބާރުގަދަ ކަމެވެ. ފުރަތަމަ ބުރުގައި ޖުމްހޫރީ ގުޅުމުގެ
ކެންޑިޑޭޓް ފަހަތަށް ޖައްސާލުމަށްފަހު ޔާމިންއަށް ދެވަނަ ލިބިވަޑައިގަތީ
ކުޑަތަފާތަކުންނެވެ. އެއީ އެމްޑީއާއިއެކު ކޯލިޝަން ހަދައިގެންނެވެ. ހަމައެހެންމެ
ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދު ބަލިކުރެއްވީ ކޯލިޝަން ފުޅާކުރައްވައިގެންނެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2014 ގައި ޕީޕީއެމް، އެމްޑީ އަދި ޖުމްހޫރީ
ކޯލިޝަންއެކީ ކުރިމަތި ލައިގެން ވަރަށް ބޮޑު ކާމިޔާބެއްވަނީ ހޯދާފައެވެ.
ޕާޓީތަކުން ވަކިވަކިން މަޖިލިސް އިންތިޚާބަށް ކުރިމަތިލެއްވި ނަމަ ގިނަ ގޮޑިތައް
އެމްޑީޕީއިން ގެންދިއުން އޮންނާނީ ވަރަށް ގާތުގައެވެ. މިކަންކަމުން އެނގިދޭހަވާ
ކަމަކީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކޯލިޝަންގެ މުހިންމު ކަމެވެ.
އިންތިޚާބު
ކާމިޔާބު ކުރެއްވުމަށް ކޯލިޝަންގެ މުހިންމުކަން ކިތަންމެ ބޮޑުނަމަވެސް، މާޒީއިން
ލިބިދޭ ފިލާވަޅަކީ ކޯލިޝަން ރޫޅިދާކަމެވެ. ބައެއްފަހަރު ވަރަށް އަވަހަށެވެ.
އަނެއްބައި ފަހަރު ލަހުންނެވެ. 2008 ގައި އެމްޑީޕީއިން ހެދި ކޯލިޝަން ރޫޅުނީ
ވެރިކަމަށް އައިތާ އެންމެ 21 ދުވަހުގެ ތެރޭގައެވެ. ރައީސް މުހައްމަދު ވަހީދު
ވެރިކަމުގައި ގުޅިފައިވާ ކޯލިޝަންއަކުން ވެރިކަން ކުރިނަމަވެސް އެސަރުކާރުގެ
ތެރޭގައި މައްސަލަ ބޮޑުވެ ދައުރުގެ ފަހުކޮޅުވަނީ ގާތްގަނޑަކަށް ރޫޅިފައެވެ.
މިކޯލިޝަނަށް
ވާނީ ކިހިނެތް؟
މިފަހަރުގެ
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާކު ކޯލިޝަން ހަދައިފައިވާ އެމްޑީއޭއާއި ޖުމްހޫރީ
ގުޅުމުގެެ ކޯލިޝަންއަށް ވާނެގޮތް ބަލަން އެތަށްބަޔަކު ތިބީ ކެތްމަދުވެފައެވެ. ރައީސް
އަބުދުﷲ ޔާމީންގެ ސަރުކާރަށް 4މަސް ފުރިގެން ދިޔައިރު އަދި ހިންގަމުން ދަނީ
ކޯލިޝަން ސަރުކާރެކެވެ. ނަމަވެސް މިދުވަސް ކޮޅަކީ ވަރަށް ނާޒުކު ދުވަސްކޮޅެކެވެ. 2014
ގައި ހުވާކުރާ އައު ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ކޯލިޝަންގެ ދެ ޕާޓީ
ކަމަށްވާ ޕީއެމްއާއި ޖުމްހޫރީ ޕާޓީން ވާދަކަ ކުރަން ވަނީ ނިންމާފައެވެ. ރިޔާސީ
އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި މިދެޕާޓީން އެކައްޗެއްކިޔާ އެބަޔަކު
އަނެއްބަޔަކަށް ދޫދީގެން މަސައްކަތް ކުރިނަމަވެސް މިއަދު ދެ އިންތިޚާބު ނިމުމުން
މިއެކުވެރިކަން ނިމުމަކަށް އައިސް ބައިބައިވަނީތޯ ހިތުގައި އުފެދޭ ބޮޑު
ސުވާލެކެވެ. އެހެންވެއްޖެ ނަމަ ކޯލިޝަން ރޫޅުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް
އިތުރު ވެގެން ދިޔައީއެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިން މިގޮތަށް މިކަން ވާތަން
ބަލަން ހިމޭނުން ތިބޭނެ ކަމަކަށް އަޅުގަނޑުގެ ޒަމީރެއް ގަބޫލެއް ނުކުރެއެވެ.
ޕީޕީއެމް ނޫނީ މިފަހަރު ކޯލިޝަންގެ އެހެންބައިވެރިންނަކީ ކޯލިޝަންގެ ތަޖުރިބާ
ކާރުންނެވެ. އެހެންކަމުން މާޒީން ލިބިދިން އިބްރަތުގެ ބޭނުންހިފައި ކޯލިޝަން
ހަރުދަނާކޮށް ދެމެހެެއްޓުމަށް މަސައްކަތްކުރާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ.
ނިންމުން
މިއަދު
ސިޔާސީ މަޝްރަހު އޮތްގޮތުން އެވެސް ޕާޓީއަކަށް އެކަނިމާއެކަނި މަސައްކަތްކޮށްގެން
މާބޮޑު ކާމިޔާބީއެއް ހޯދޭކަންނެތެވެ. ހިތާދެކޮޅަށް ނަމަވެސް ކޯލިޝަންއަކާ ދިމާއަށް
މިސްރާބު ޖެހެނީ މިސަބަބައްޓަކައެވެ. ކޯލިޝަންއަކީ އިންތިޚާބު ކާމިޔާބު ކުރުމަށް
ކޮންމެހެން ބޭނުންތެރިކަމަކަށް ވިޔަސް، އުފެދޭ ޚިޔާލު ތަފާތުވުންތަކާއެކު ކޯލިޝަންއާއެކު
ކުރިއަށް ދިއުމަށް ދަތިތަކެއް ކުރިމަތިކުރުވައެވެ. ނުވަތަ ބައެއްފަހަރު ކޯލިޝަންގެ
މުހިންމުކަން ކެނޑިދެއެވެ. ޚާއްސަކޮށް މަޖްލިސްގައި މައިޕާޓީއަށް އަޤްލަބިއްޔަތު
ލިބިއްޖެނަމަ އިތުރަށް ކޯލިޝަން ދެމެހެއްޓުމަކީ ވެރިކަންކުރާ ޕާޓިއަށް ކޮންމެހެން
ކުރަން މުހިންމުކަމަކަށް ނުވެދެއެވެ. އެހެންކަމުން ކޯލިޝަންގައި ބައިވެރިވާ އެހެން
ޕާޓީތަކަށް މިޖެހެނީ ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ނެތިދާ ފަދަ ހާލަތެކެވެ. ޔަގީނުންވެސްފާހަގަ ކުރެވޭ ކަމަކީ 2008 ގެ
ކޯލިޝަންއަށް ވުރެ މިފަހަރަގެ ކޯލިޝަން ހާސްބައި ރަނގަޅުކަމެވެ. ނަމަވެސް ރައީސް
މުހައްމަދު ނަޝީދު އަމަލުކުރެއްވި ފަދައިން ހުރިހާ ބާރެއްގައި ބަނގުޑި ބައްދަން
މަސައްކަތްކޮށް، ނިންމުންތައް އަމިއްލަ ޕާޓީގެ މަސްލަހަތަށްޓަކައި ނިންމަން
ފަށައިފި ނަމަ ކޯލިޝަންގެ ބަދަހި ތަނބުތަކުގައި ރެދުލައި ބައިބައި ވުމަށް މާގިނަ ދުވަހެއް
ނަގާނެ ކަމަކަށް ނުބެލެވެއެވެ. ޔަގީންނުންވެސް މިއީ ކޯލިޝަންއަށް އިތުބާރުކޮށް
ވޯޓްދެއްވި އެތައް ރައްޔިތުންނެއްގެ އުންމީދުތައް ވެއްޔާއި މޮޑެލުން ކަމުގައި ނޫނީ
ނުވާނެއެވެ.
No comments:
Post a Comment